ދެކުނު ގަޑުބަޑު

ސުވާދީބް ސަރުކާރު އުފެދުމާއި ގދ. ގައްދޫއަށް ޙަމަލާދިނުން

Introduction

މިއީ 1961 ގައި ހުވަދޫ އަތޮޅު ދެކުނުބުރީ (ގދ) ގައްދޫއަށް ކުރިމަތިވި ޙަމަލާގެ ޓައިމްލައިން އެކެވެ. މިކަމާއި ބެހޭގޮތުން ދިރާސާކޮށް ލިޔާ ފަރާތްތަކަށް ފަސޭހަވާނޭހެން ތައްޔާރުކުރެވިފައިވާ ލިޔުމެކެވެ.

Timeline

ޓައިމްލައިން

އަޞްލު ރިޕޯޓު (PDF)ދެކުނު ގަޑުބަޑުގެ ޓައިމްލައިން · 19 pages · 2.5 MB
1959

ފެށުން

ސުވާދީބް ދަޢުލަތް ޢިއުލާންކުރުމާއި ގައްދޫއަށް ފުރަތަމަ ފިއްތުންތައް

  1. 03 ޖަނަވަރީ 1959

    01 / 26

    ޔުނައިޓެޑް ސުވާދީބް އައިލެންޑްސްގެ ނަމުން، ދިވެހި ދަޢުލަތާއި ވަކިން ދަޢުލަތެއް ރަސްމީކޮށް ޢިއުލާން ކުރެވުން.

  2. 05 ޖަނަވަރީ 1959

    02 / 26

    15 މީހުންގެ ވަފުދެއް، ހަވަރު ތިނަދޫ (ގދ. ތިނަދޫ) އިން ހުވަދޫއަތޮޅު ދެކުނުބުރީ (ގދ) ގައްދޫއަށް ދިއުން. މި ބައިމީހުންގެ މަޤްޞަދަކަށްވީ، ގައްދޫގެ ރައްޔިތުންނާއި ވާހަކަ ދައްކައިގެން، ސުވާދީބް ސަރުކާރާއި ގުޅުވުން. ގައްދޫގެ ރައްޔިތުން ދެންނެވީ ނޫނެކޭ. މިހެން ޖަވާބު ދެއްވުމުން، މިހާރު 'އަސަރީގެ އާގެ' ހުރި ބިމުގައި، ރަށުގެ އިސްވެރިން އަދި ގިނަ ރައްޔިތުން ބަނދެ ޙިޞާރުކުރި. އަދި ގައްދޫގެ ރައްޔިތުން ސުވާދީބް ސަރުކާރާއި ގުޅުމަށް މަޖުބޫރުކުރުވަން ފެށި.

1959

ފުރަތަމަ ޙަމަލާ

އަސްކަރީ މަރުކަޒުން ފެށިގެން ގައްދޫ ފުރަތަމަ ފަހަރަށް މިނިވަންވުމަށް

  1. 16 ޖަނަވަރީ 1959

    03 / 26

    ހުވަދޫ އަތޮޅުގެ އެކި ރަށްރަށުގެ މީހުން އެކުލެވޭހެން 55 ސުވާދީބް ސިފައިންނާ އެކު، ގދ. ގައްދޫގެ ކުރީގެ 'ރަށްވެހިގޭ' ގައި، ސުވާދީބް ސަރުކާރުގެ އަސްކަރީ މަރުކަޒެއް ބިނާކުރި. މި މަރުކަޒުގައި ތިބި ސިފައިންގެ މަޤްސަދަކީ، ގައްދޫގެ ރައްޔިތުން ސުވާދީބް ސަރުކާރަށް ބައިޢަތު ހިފަން މަޖުބޫރުކުރުވުން. މި މަރުކަޒުގެ ވެރިޔަކީ ހަނޑި ޙުސައިންފުޅު. ނައިބަކީ ގދ. ފަރެސް އަޙްމަދު ޒުހުރީ، އަދި ސެކްރެޓަރީއަކީ ގދ. ފަރެސް ޢަބްދުއްކަރީމް.

    މި ސިފައިން ގައްދޫ ޙިޞާރުކޮށްގެން ތިބި އިރު، ގައްދޫގެ އެކި ރައްޔިތުންނަށް އެކި ވަރުގެ އަނިޔާކޮށްފައިވޭ. މި އަނިޔާތައް އެތައް މަހެއް ވަންދެން ކުރިޔަށް ދިޔަ.

  2. 05 މާރިޗް 1959

    04 / 26

    ގދ. ތިނަދޫގައި، އެ ދުވަހުގެ ރޭ ގަޑިން 8:30 ވި އިރު ބައްދަލުވުމެއް ބޭއްވިގެން ދިޔަ. ބައްދަލުވުމުގައި ބައިވެރިވެފައިވަނީ:

    1. އަސޭ ދޮންކަލޭގެފާން
    2. ޙަކީމް ޙުސައިން އަފީފް
    3. އޮޅެ ބެއްޔާގެ ޙަސަން ދީދީ
    4. ތިނަދޫ މުޙައްމަދު ޙަމީދު
    5. ސަޢީދު ކަތީބު

    މި ބައްދަލުވުމުގައި މި 3 ކަންތައް ފާސްވެގެން ދިޔަ:

    1. އެއްވެސް ބަޔަކު މާލޭ ސަރުކާރާއި އެއްކޮޅަށް ތިބެގެން އަތޮޅުން ފުރައިގެން ހިނގައްޖެނަމަ، އެބައެއްގެ ގެދޮރާއި މުދާތައް ނެތިކޮށްލުން.
    2. ރައްޔިތުން އެއްކުރުމަށް ގޮވާ "ނާރޭތަކުބީރު" (ނަޢަރާ ތަކުބީރު) ގޮވުމުން، ފަސް މިނިޓެއްހާ އިރު ތެރޭ "މާވަށްދިހަރޭ" (ހަވަރު ތިނަދޫ ފާލަންހުރި ސަރަޙައްދު) އަށް އަންހެނުންނާއި ފިރިހެނުން ނުކުތުމާއި، ނުކުންނައިރު ކޮންމެ މީހެއްގެ އަތުގައި ވެސް، ކަނޑައެޅިފައިވާ ފަދަ ޙަމަލާއެއް ދެވިދާނޭ އެއްޗެއް އޮތުން.
    3. ދިވެހި ސަރުކާރާއި އެއްކޮޅަށް މީހަކު ހުރިކަން އެނގިއްޖެނަމަ، އެކަމަށް ފިޔަވަޅުއެޅުން.
  3. 04 އޭޕްރީލް 1959

    05 / 26

    ބޮޑުވަޒީރުގެ އޮފީހުން، އައްޑޫ އަތޮޅުގައި ހިނގަމުންދާ ހަމަ ނުޖެހުމުގެ ވާހަކަތައް ބަޔާންކޮށް ޢިއުލާނެއް ކުރި. އެއަށްފަހު ސަރުކާރުން ނިންމީ މި މައްސަލައިގެ ހުރިހާކަމެއް ބަލަހައްޓައި ޙައްލުކުރުމަށް އެއް ފަރާތަކާއި ޙަވާލުކުރަން. އެގޮތުން، ދެކުނުގެ 3 އަތޮޅު ފިޔަވާ ހުރިހާ އަތޮޅެއްގައި ވޯޓުލުން ކުރިޔަށް ގެންދެވުނު. 48 މީހުންގެ ނަން މި ވޯޓުގައި ވަނީ ބައިވެރިކުރެވިފައި.

  4. 09 މޭ 1959

    06 / 26

    ރާއްޖޭގައި ނެގި ވޯޓުގެ ނަތީއްޖާ ފާޅުކުރުން. 83% ތާޢިދުކުރީ ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރުއަށް. އެހެންކަމުން، ދެކުނު ގަޑުބަޑު ސުލްޙަކުރުމުގެ ހުރިހާ ބާރެއް، ރެފަރެންޑަމް އަކުން ބޮޑުވަޒީއު އުމުއްވުލް އަމީރު އިބްރާހީމް ނާޞިރުއަށް ލިބިގެން ދިޔަ.

  5. 03 ޖުލައި 1959

    07 / 26

    ޔުނައިޓެޑް ސުވަދީބު އައިލެންޑްސް ގެ ސިޓީއެއް ބޮޑު ވަޒީރަށް ލިބުނު.

  6. 09 ޖުލައި 1959

    08 / 26

    މިނިސްޓަރީ އޮފް ޑިފެންސް އިން ދެކުނުގެ އަތޮޅުތަކަށް ދިއުމަށް ދަތުރު ޢިއުލާންކޮށް، އެ ދަތުރުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވުނު. އެގޮތުން، ސިފައިންގެ ބޭކަލުންނާއި، ޢާންމުން ހިމެނޭހެން 700 މީހުންގެ ލަޝްކަރެއް އެކުވެގެން ދިޔަ.

  7. 14 ޖުލައި 1959

    09 / 26

    'މޯލްޑިވް ސްޓާރ' ގައި 700 މީހުންގެ ލަޝްކަރާއި އެކު، ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު އާއި، ގައްދޫގެ ވެރިން ކަމުގައިވާ، އަލްފާޟިލް ޢަލީ ކަލޭގެފާނާއި، ގައްދޫ ކަތީބު އަލްފާޟިލް ޙުސައިން މަނިކު، މާލެއިން ފުރުން. ފުރަތަމަ ދަތުރުކުރީ ހައްދުން މައްޗަށް. ދެން ދަތުރުކުރީ ގދ. ގައްދޫއަށް.

  8. 15/16 ޖުލައި 1959

    10 / 26

    ގދ. ގައްދޫއަށް މޯލްޑިވްސް ސްޓާރ އައުން. ފަޅުން ބޭރުގައި އޮވެގެން އެ ބޯޓުން، މެގަފޯނު ބޭނުންކޮށްގެން އަމާން ދިނުމަށް ގައްދޫއަށް އިންޒާރުދިން. އެ ހިސާބުން ގައްދޫގައި ތިބި ގައްދޫ ރައްޔިތުން އަމާން ކަމުގެ ހުދު ދިދަ ނެގުމަށް މަސައްކަތް ފެށި. އެކަން ހުއްޓުވަން ގައްދޫއަށް އޭރު ފައިބައިގެން ތިބި 200 އެއްހާ 'ސިފައިން' މަސައްކަތް ކުރި. ދިދަ ނަގަން މަސައްކަތް ކުރާ މީހުންނަށް އަނިޔާކޮށް އަމާން ދިނުމުން ހުއްޓުވި.

    އެ ހިސާބުން، ރަށުގެ ޒުވާނުންތަކެއް ރަށުގެ ފުއްޓަރު ފަރާތުން ފަތާފައި ގޮސް، ރޮދުވައްރެހާ އޮތް ދިމާލުން ހުދު ދިދަ ނެގި. އެގޮތުން ހުދު ދިދަ ނެގި އެއް ބޭފުޅަކީ ގައްދޫ އަބްލަޣީގޭ އަލްފާޟިލް ޢަބްދުއްރަޙްމާން އަޙްމަދު. އެހާ ހިސާބުން ދިވެހި ދަޢުލަތުގެ ސިފައިން ގައްދުއަށް އަރާ، ރަށުގައި ތިބި ތިނަދޫގެ ވެރިންނާއި ސިފައިން ޙައްޔަރުކޮށް، ގައްދޫ ފުރަތަމަ ފަހަރަށް މިނިވަންކުރި. އަދި ގައްދޫއަށް ބޭނުންވާ ކާޑު ބޭލުމަށް ފަހު ހަވަރު ތިނަދޫއަށް ދިއުމަށް 'މޯލްޑިވްސް ސްޓާރ' ފުރި.

  9. 17 ޖުލައި 1959

    11 / 26

    'މޯލްޑިވް ސްޓާރ' ހަވަރު ތިނަދޫއަށް ދިއުން. އެއީ ހުކުރު ދުވަހެއް. ފުރަތަމަ ދެވުމާއި އެކު އެއްގަމުގައި ތިބި ވެރިންނަށް، ސުލްޙަވެރިކަމާއި އެކު އަމާން ދިނުމަށާއި، އަމާން ދީފިކަމުގައިވާނަމަ އެއްވެސް އަނިޔާއެއް ނުދޭނެ ކަމަށް އެތަކެއް ސިޓީއެއް ފޮނުވުނު. އެކަމަކު ހަވަރު ތިނަދޫގެ ވެރިން މިކަމާ ދެކޮޅު ހެދި.

    ދެން ތިނަދޫއަށް ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރުއާއި، ދިވެހި ސިފައިން ފައިބަން ދިއުމުން، އަތިރިމަތީގައި ހަމަ ނުޖެހުން ހިނގި. މި ހަމަނުޖެހުމުގައި ތިނަދޫގެ 3 މީހަކަށް އަނިޔާވި. ހުކުރު ވަގުތު ޖެހުމުން، ދިވެހި ސަރުކާރުގެ ވަފުދު އަނބުރާ ބޯޓަށް އެރި. އަދި ހުކުރު ނަމާދު ނިމުމުން އަމާން ދިނުމަށް ތިނަދޫ މީހުންނަށް އެނގި. އެންމެ ފަހުން ތިނަދޫގެ ވެރިންނާއި ރައްޔިތުން އަމާންދިން. ދެން ދުވަހުގެ ބާކީ ވަގުތުކޮޅާއި ރޭގަނޑުގެ ބޮޑު ވަގުތެއް ހޭދަވެގެން ދިޔައީ ބޯޓުން ތިނަދޫއަށް ބޭނުންވާ ކާޑު ބޭލުމުގެ މަސައްކަތުގަ.

  10. 18 ޖުލައި 1959

    12 / 26

    ހުވަދޫ އަތޮޅުގެ ވެރިޔާ އަލްފާޟިލް ނ.ތ ޙަސަން ދީދީ ތިނަދޫގައި ހައްޔަރުކޮށް އެތަކެއް އަނިޔާއެއް ލިބިފައި ވަނިކޮށް މިނިވަން ކުރެވުނު. ތިނަދޫގެ ވެރިން 'މޯލްޑީވް ސްޓާރ' އަށް އެރުވުމަށް ފަހު، މާލެއިންއައި 700 މީހުންގެ ލަޝްކަރުގެ ތެރެއިން 50 ސިފައިންގެ ބޭކަލުންނާއި 100 ޢާންމު ރައްޔިތުން، ހުވަދޫއަތޮޅުގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި، ތިނަދޫގައި ބޭތިއްބުމަށްފަހު، މާލެ ދިއުމަށް 'މޯލްޑިވްސް ސްޓާރ' ފުރި.

1961–1963

ދެވަނަ ހަމަލާ

ދެވަނަ ބަޢާވާތުން ފެށިގެން ސުވާދީބް ދަޢުލަތް އުވިގެން ދިޔުމަށް

  1. 14 ޖޫން 1961

    13 / 26

    ދެވަނަ ފަހަރަށް ބަޢާވާތް ކުރުމަށް، ހަވަރުތިނާދޫއާއި، ހުވަދޫ އަތޮޅުގެ ރަށްތަކުގެ މީހުންނާއި، އައްޑޫއަތޮޅުން މީހުން ބައިވެރިވި. ހަވަރު ތިނަދޫގައި ވެސް ބައްދަލުވުން ތަކެއް ބޭއްވުނު. މި ދުވަހު އައްޑޫ އަތޮޅުން 8 ދޯނީގައި، އައްޑޫއިން ހަވަރު ތިނަދޫއަށް ގޮސް، އެ ރަށުގައި ހުރި އަތޮޅުވެރިޔާ، އަލްފާޟިލް ޢަލިކަލޭގެފާނުގެ ކުޑަތުއްތު ހައްޔަރުކޮށް އަނެއްކާ ދެވަނަ ބަޢާވާތެއް ކުރި.

    10 މީޙުން ޢަޞީރުންގެ ގޮތުގައި އައްޑުއަށް ގެންދެވުނެވެ. އަދި ޤައުމީ ކުންފުނީގެ ހުވަދޫ ގޮފި ލޫޓުވުމުގެ ތެރޭގައި ރަންވިއްކާ ތުއްތު މަނިކު އަވަހާރަކޮށްލެވިގެން ދިޔަ.

  2. 15 ޖޫން 1961

    14 / 26

    ހަވަރު ތިނަދޫއާއި ބައިވެގެން، ގައްދޫ އެއްކޮށް ސުންނާފަތިކޮށް ނައްތާލުމަށް ނިންމުނު. އަދި މި ނިންމުމަށް ހުވަދޫއަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، ގއ. ކަނޑުހުޅުދޫ އަދި ގއ. ގެމަނަފުށި ފިޔަވާ ހުރިހާ ރަށަކުން ތާޢީދުކުރި. އަދި ޙަމަލާއަށް ތައްޔާރުވުމަށް ގދ. ލޮނުދޫއަށް ޖަމާވި. މި ޙަމަލާގައި ބައިވެރިވާން ބޭނުންވި ނަމަވެސް، ގއ. ވިލިނގިލީ މީހުންނަށް ޙަމަލާއަށް ފުރޭގޮތެއް ނުވި. ލޮނުދޫގައި، ތިނަދޫ މުޙައްމަދު ހަމީދުގެ އަމުރުގެ ދަށުން އެ ރޭ މަޑުކުރި.

  3. 16 ޖޫން 1961

    15 / 26

    ހެނދުނު ގަޑިން 07:30 ހާ އިރު، ލޮނުދޫ ބޭރުގައި ތިބި އޮޑިތައް ގައްދޫއާ ކައިރިކޮށް، ރަށަށް އަރައިގަތް. އެގޮތުން އެތައް ސަތޭކަ އުޅަދެއްގައި އެތައް ސަތޭކަ މީހުން ގައްދޫއަށް އަރަންއައި އިރު، އެންމެ ފުރަތަމަ އަރަން ދިމާކުރީ، ރަށުގެ އުތުރުކޮޅުން. އެހެންނަމަވެސް، އެންމެ ފަހުން އެކަން ކާމިޔާބުނުވެ، ރަށުގެ ދެކުނުފަރާތުން އަރައިގަތް.

    އޭގެތެރެއިން އައި ދެކޮޅުވެރިންތަކެއް، ގައްދޫގެ ތުނޑީކޮޅަށް ބީއްސާލުމަށްފަހު، ޕެޓްރޯލާއި އަލިފާނާއި ހިފައިގެން ރަށަށްއަރައި ރަށުގެ އުތުރުކޮޅުގެ އަތިރިމައްޗަށް އެހެލާފައި ހުރި ގައްދޫ އަލްފާޟިލް އިސްމާޢީލް ވަތަބަނޑޭރި ކަލޭގެފާނުގެ 'ސަލްސަބިލާ' ކިޔާ އަރުމާޒު ވޮޑިއާއި، އަލަށް ބަނދެ ނިމިފައި ހުރި އަރުމާޒު އޮޑީގައި އަލިފާންޖަހައި ރޯކުރި. އެއާއެކު އަތިރިމަތީގައި ހުރި އެހެނިހެން އޮޑިދޯނިފަހަރުގެ ހަރުގެތައް ވެސް ރޯކޮށްލައި، މަރިޔަމްމާގޭ އަލްފާޟިލް ޢަބްދުއްރަޙްމާން އާދަމްގެ މަސްދޯންޏެއްގައި ވެސް ރޯކޮށްލި. އަދި އަލްފާޟިލް ދެއްވަދޫ ޙަސަން (އަލުގަނޑުގެ 4 ވަނަ މުނި ކާފަ) ބަނދެފައިވާ، އަދި ފަހުން ގައްދޫ ވައިލެޓްވިލާ އަލްފާޟިލް ޙުސައިން މަނިކު ގެ "ނޫރުޖަހާން" އަރުމާޒު އޮޑީގައި ވެސް ރޯކުރި. އެހެންނަމަވެސް، އެ އޮޑި ސަލާމަތްކުރީ ގައްދޫއަށް އައި ދާންދޫ ބައެއް.

    މީގެ އިތުރުން، ގައްދޫގެ 10 މަސްދޯންޏަކާއި 17 ވަދުދޯންޏަކަށް އެކިވަރުގެ ގެއްލުން ދީފައިވާއިރު، އަލިފާން ރޯކުރުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ ގައްދޫ 'ގުލްއަލާގެ' އަށް. މި ނޫން ގެތަކުގައި ރޯވެފައި ވަނިކޮށް، ގައްދޫ ލޫޓުވާލަން އައި ކޮންމެވެސް ބަޔަކު އެ ގޭގޭ ނިއްވާލި ނަމަވެސް، އެ ގެތަކުގައިވާ މުދާ ފޭރިގެން ދިޔަ.

    ބުޗާގޭގެ ކައިރީގައި ހުރި ފަޅުގެއެއްގެ ތެރޭގައި، ބޮޑު ފޮއްޓަކަށް ލާފައި، ވަޅުލާފައި ހުރި މާބެއްޔާ ކަލޭފާނުގެ އައުލާދުން ވަޅުލާފަހުރި މުދާ (ރަން، ރިހި އަދި ފައިސާ) ދެކޮޅުވެރިންގެ ބަޔަކު ވަގަށް ނެގި. އަދި އަލްފާޟިލް އިސްމާޢީލް ވ. ކަލޭފާނުގެ ގެ ކަމުގައިވާ މާގަސްދޮށުގެއަށް ޙަމަލާދީ، އެތަނުން އެތަކެއް މުދަލެއް ފޭރިގެން ދިޔައެވެ. އަދި ގައްދޫގެ އުހުގެއާއި، ކެޔޮޅުގެ ފަދަ ގެތަކުން ވަރަށް ގިނަ ރަނާއި އަގުބޮޑެތި މުދާ ގެންދިޔަ. މީގެއިތުރުން، ގެތަކުގައި ނިދަން ހުންނަ އެނދުތަކުގެ ރޯނުތަށް ކެފުމާއި، ރަށުގައި ތިބި އަންހެން ކުދިންގެ ގުނަވަންތަކުގައި އަޅާފައި ހުރި ގަހަނާތައް ދަމައި ފޭރުނު.

    އަދި މި ފޭރުމުގެ ތެރޭގައި ގައްދޫ މުޖުމަރާގެއަށް ވަދެ، އެގޭތެރޭ އުނދޯލީގައި އޮތް ކުނަލާއި ބާލިހާއި އޮޅާލައިގެން ކޮނޑަށް ލައިގެން ދުވެފައި ދަނިކޮށް، ގައްދޫ ރަށްދެބައިމަގުގައި ކުރިން ހުރި ފައްތަރުމަތިން ދަނިކޮށް، ޢުމުރުން އެންމެ 15 ދުވަސްވީ ކަޅެބެއްޔާގެ ޙައްވާދިޔަގެ ސަންފާދިޔެއާއި، ގުލަފާމުގޭ މުސްރީ (މަރިޔާބޭ) އިނދެގެން ލިބުނު 2 ވަނަ ކުއްޖާ (ފިރިހެން) ވެއްޓި، ބޮލުގެ މެދުން ފަޅައިގެން ދިޔަ. އެ ކުއްޖާނެގީ އެ މީހުން ފަހަތުން ދުވެފައި ދިޔަ އެ ކުއްޖާގެ މާމަ، ހައްވާދިޔެ. މޫނަށް ފެން ބުރުވައިގެން ހޭވެރިކަންވި ނަމަވެސް، ލިބުނު އަނިޔާގައި އެކުއްޖާ 4 ދުވަސްފަހުން ނިޔާވި. މިއަދު އެ ކުއްޖާގެ ބޮޑަށް ހުރި ހަމައެކަނި ދަރި، މަރިޔާބޭ ހުތާ ދުނިޔޭގައި އަދިވެސް އެބަ ހުރި.

    މީގެ އިތުރުން، ގައްދޫ ކަތީބު، އަލްފާޟިލް ޙުސައިންމަނިކުގެ ފުރާނަ ސަލާމަތްވީ، ގައްދޫ ދޫކުރައްވައި ކަރުތާފެނަށް އެރިވަޑައިގެން، ގައްދޫ ކައިރީގައި އޮންނަ "ގޮޅާއްލާ" އަށް ވަޑައިގަތުމުން. މި ދަންޑިވަޅުގައި އެބޭފުޅާގެ ގެ "ވައިލެޓްވިލާ" ލޫޓުވާލި. އަދި މީގެ އިތުރުން، އަލްފާޟިލް އިސްމާޢީލް ވަތަބަނޑޭރި ކަލޭގެފާނުގެ އިސްތަށުފުޅަށް، ހުންގާނު ދޫނިއަކުން ޙަމަލާދިނުމަށްފަހު، ހޭފުޅު ނެތިގެން ދަންދެން އެ ބޭފުޅާއަށް އަނިޔާކުރަމުން ގޮސް މޫދަށް އުކާލެވުނު. އަދި އެއަށްފަހު މޫދުން ނަގައި، ހަވަރު ތިނަދޫއަށް އަރުވާލައި، އެތަނުގެ ގުދަނެއްގައި އެތައް ދުވަހެއް ވަންދެން ބަންދުކޮށްފައި، އެތަކެއް އަނިޔާއެއް ދިނުމަށްފަހު، ވާދުއަށް އަރުވާލިއެވެ. ގައްދޫ އަށް ދެވަނަ ޙަމަލާ އައިއިރު، ގައްދޫ އަލްފާޟިލް ޢަލީ ކަލޭގެފާނު ހުންނެވީ އައްޑޫއަށް އަރުވާލެވިފައެވެ.

    އެހެންނަމަވެސް، ގައްދޫ ޢަލިކަލޭގެފާނަށް، އިންސާނިއްޔަތާ ޚިލާފު އެތަކެއް އަނިޔާތަކެއް ހަވަރު ތިނަދޫއަށް ގެންގޮސްވަނީ ދީފައެވެ.

    މި ޙަމަލާއިން ރަށް ދިފާޢުކުރުމަށް އެތަކެއް ފަހުލަވާނުންނެއް ނިކުތް. އެގޮތުން، ގައްދޫގެ ތެރޭގައި ތިނަދޫ ޙަސަންދީދީ (ޙުސައިން ތަކުރުފާނު) ދަގަނޑުން ހަދާފައިވާ ކަނޑިއެއް / ޙަންޖަރެއް ހިފައިގެން މީހުންނަށް ބޮޑެތި އަނިޔާކުރަމުން ދިޔަ. އެއީ ސުވާދީބް ސަރުކާރުގެ ރައީސް ޙާއްޞަކޮށް އޭނައަށް ދިން ހަދިޔާއެއް ކަމަށާއި، އެފަދަ ހަދިޔާއެއް ރަށުގެ ވެރިޔަކަށް ފޮނުވި އޮޅަދީދީ ޙަސަންދީދީއަށް ވެސް ދެއްވާފައިވާ ކަމަށް، ބޭސް ޙަސަން ކަލޭފާނުގެ ގޭގައި ޢަލިކަލޭގެފާނު ކުޑަތުއްތުގެ ހައްޔަރުކޮށްފައި ވަނިކޮށް، އޭނާގެ ލޮލާއި ދިމާލަށް ދިއްކޮށް ބުނިކަމަށްވޭ. މި ކަނޑިން ޒަޚަމްވި އެކަކީ ގައްދޫ ދޯޅަނބުގޭ އަލްފާޟިލް ސްންފާގެ އާދަނާ (ސަންފާއަކީ އަޅުގަނޑުގެ ބައްޕަ ފަރާތުން މުނި މުނި މާމަ). ދެން އަނިޔާވީ ގައްދޫ މަލުތެރޭގޭ އަލްފާޟިލް ޢަލިފުތާއަށް. އޭނާގެ ބޯފަޅައިގެން ދިޔަ. މިއީ ސަންފާގެ އާދަނާގެ ދަރިއެއް.

    މީގެ އިތުރުން، ޢަބްދުﷲ އަބޫބަކުރާއި، ދިލާވަރުގޭ އަލްފާޟިލް ޢަބްދުﷲ އާދަމް އާއި (ސަންފާ އާދަނާގެ ދަރިއެއް) ފެލިދޫގޭ ކަމަނާގެ އާދަނާއި، ގައްދޫ އަލްފާޟިލް ޙަސަން މަޖިދީއާއި، ގައްދޫ އަބްލަޢީގޭ އަލްފާޟިލް ޢަބްދުއްރަޙްމާން ފަދަ ބޭފުޅުން އެދުވަހު ހިތްވަރާއި ޢަޒުމާއިއެކު ގައްދޫގެ ދިފާޢުގައި ދެކޮޅުވެރިންނާއި ހަނގުރާމަކުރަމުން ދިޔަ. މި ކަމުގެ ތެރޭގައި އަލްފާޟިލް ޢަބްދުﷲ އަބޫބަކުރުގެ ފަޔަށް ލިބުނު ބޮޑެތި އަނިޔާގެ ސަބަބުން އޭނާ ވެއްޓި، ސަލާމަތް ހޯދުމަށް ބިންމަތީގައި ފިރުކެމުން ކަހަލަ ގޮތަކަށް ގޮސް، ގައްދޫގެ ދެކުނުކޮޅު ތުނޑިން މޫދަށް ފައިބައި ފަތާފައި ގައްދޫ ކަނޑު ހުރަސްކޮށް ގަމަށްއެރީ އޭނާ އެކަނިމާ އެކަނި.

    މި ދުވަހު މެނދުރު 11 ޖެހި އިރު، ގައްދޫ މަޖީދުބެއްޔާގެ ގެ ކަމުގައިވާ "ޢަޞުރުމާގެ" އާއި ގައްދޫ މަގު ދޮމްބެ (މަގު ދޮންފުތާ) ގެ ގެ ކަމުގައިވާ "މަގުގެ" ފިޔަވާ ގައްދޫގެ ހުރިހާ ގެތަކެއް ވަނީ އެއްކޮށް ލޫޓުވާ ސުންނާފަތިކޮށްފަ. ޢަޞުރުމާގެ ސަލާމަތްވީ އިސްވެ ދެންނެވުނު ތިނަދޫ ޙަސަންދީދީ އެ ގޭ ދޮރުކުރިމަތީގައި ފާރަލާން ހުރުމުންކަމަށް، މަޖީދްބެއްޔާއަށް ބޮޑުބޭބެ ކިޔާ އަދި އެ ދުވަސް ހަމަ ލޮލުން ދެކިފައިވާ ރަންތަރި / ގައްދޫ، ޢަބްދުﷲ ޙަމީދު އަޅުގަނޑުގާތުގައި ވަނީ ވިދާޅުވެފަ. އަދި މީގެ އިތުރުން، މަޖީދުބެއްޔާއަކީ ގައްދޫއިން ސުވާދީބްއަށް ތާޢީދުކުރާ ހަމައެކަނި މީހާ ކަމަށާއި، އެހެންކަމުން މަޖީދެބެއްޔާގެ އެއްވެސް މުދަލަކަށް އެދުވަހު ގެއްލުމެއް ދީފައި ނުވާކަމަށް ވިދާޅުވި. އަދި "މަގުގެ" އަށް ޙަމަލާދިނުމުން ހުއްޓުވާފައިވަނީ، ފިޔޯރީ ބައެއްކަމަށް، މަގުދޮމްބެގެ ދަރި ޒަކަރިއްޔާ ނަޖީބު ވިދާޅުވެފައިވާ ކަމަށް، ޒަކަރިއްޔާ ނަޖީބުގެ ދަރި އަލްފާޟިލާ އާމިނަތު ނަޖީބާ (އާމިނާ މަނިކެ) (އަޅުގަނޑުގެ މަންމަ) ދެންނެވި.

    ނޯޓު؛ މިއީ ގައްދޫއަށް އެ ދުވަހު ދިން ޙަމަލާގެ މަދު ތަފްޞީލުކޮޅެކެވެ.

  4. 17 ޖޫން 1961

    16 / 26

    ހުވަދޫ އަތޮޅާއި ފުވައްމުލަކުގައި ދެވަނަ ފަހަރަށް ބަޢާވާތެއް ފެށުނު ވާހަކަ މާލެއަށް، ރޭގަނޑު 11 ޖެހިއިރު އައި ގައްދޫ އުޅަނދަކުން ދިވެހި ސަރުކާރަށް ދިން. މި ދަތުރުގައި އައީ ގައްދޫ އަލްފާޟިލް ޢަލީ ކަލޭގެފާނާއި، ގައްދޫގެ ކަތީބް އަލްފާޟިލް ޙުސައިންމަނިކު އަދި ގައްދޫގެ ބައެއް ރައްޔިތުން، އަތޮޅުވެރިޔާ އަލްފާޟިލް ކުޑަ އަޙްމަދު ކަލޭގެފާނުގެ ސިޓީފުޅަކާއި އެކު.

    މި އުޅަނދު މާލޭ ބަނދަރަށް ވަނުމުން، އެއީ ހުވަދޫ އަތޮޅުން އައި އުޅަނދެއްކަން އެނގުމުން އޭގައި ތިބި ދަތުރުވެރިން ހައްޔަރުކުރި. އެހެން ނަމަވެސް، އެންމެ ފަހުން، ބޮޑު ވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރުއަށް މި ދަތުރުގެ ބައިވެރިންނަކީ ގައްދޫގެ ރައްޔިތުންކަން އެނގުމުން، ހައްޔަރުން ދޫކޮށްލައްވައި، އެ ބޭފުޅުން ދެއްވި ޚަބަރު އަޑުއެއްސެވި.

  5. 18 ޖޫން 1961

    17 / 26

    ފުވައްމުލަކުގައި ތިބި ފިޝަރީސް އެޑްވައިޒަރީ ބޯޑުމެމްބަރުން ކަމުގައިވާ ހިލިހިލާގޭ އަލްފާޟިލް މުޙައްމަދު ދީދީއާއި، މުގުރިގޭ އަލްފާޟިލް ދޮންމަނިކު އަށް ޙަމަލާދީ، އައްޑޫއަށް ޢަޞީރުންގެ ގޮތުގައި ގެންދެވުނު. އަދި ގއ. ވިލިނގިލީގައި ހުރި ހުވަދު އަތޮޅު ދެކުނުބުރީގެ ވެރިޔާ، އަލްފާޟިލް ކުޑަ މުޙައްމަދު ކަލޭގެފާނަށް ޙަމަލާދީ، ޢަޞީރެއްގެ ގޮތުގައި އައްޑޫއަށް ގެންދެވުނު.

    މިގޮތަށް އެތަކެއް މީހުންނެއް ޢަޞީރުންގެ ގޮތުގައި ގެންދެވުނު އިރު، އެ މީހުންނާއި އައްޑޫއިން ޙަވާލުވީ އެތަނުގައި ތިބި އިނގިރޭސީ ސިފައިން. އެގޮތުން އެ މީހުން، އެ ޢަޞީރުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ދިވެހި ދަޢުލަތަށް އެކަން އަނގައި، އަނިޔާވެފައިތިބި މީހުންނަށް ފަރުވާދީ، ދިވެހި އާޞީރުންގެ 30 މީހުން 2 ހަފްތާގެ ތެރޭގައި މާލެއަށް ފޮނުވާލާފައިވޭ.

  6. 13 ސެޕްޓެމްބަރު 1961

    18 / 26

    ދެކުނު ބަޢާވާތުގައި ބައިވެރިވި މީހުންގެ ޝަރީޢަތް ފެށުން.

  7. 28 ޖަނަވަރީ 1962

    19 / 26

    ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރުއާއި، އަލްފާޟިލް އަޙްމަދު ޙިލްމީ ދިދީއާއި، އަލްފާޟިލް އަޙްމަދު ޒަކީއާއި، އަލްފާޟިލް މުޙައްމަދު ޢިމާދުއްދީންއާއި، އަލްފާޟިލް މައިޒާން އިބްރާހީމް މަނިކުއާއި، މާލިމީގެ ގޮތުގައި އަލްފާޟިލް މުޙައްމަދު މަނިކު އަދި ވަޔަރލެސް އޮޕަރޭޓަރެއްގެ ގޮތުގައި އަލްފާޟިލް މައިޒާން ޢުމަރު މަނިކު، ހުވަދޫ އަތޮޅަށް ދިއުމަށް ފުރާވަޑައިގެންނެވިއެވެ. ފުރަތަމަ ދަތުރުކޮށް ޖެއްސީ ފ. ފީއަލީގައެވެ.

  8. 29 ޖަނަވަރީ 1962

    20 / 26

    ލ. މާމެންދޫއަށް "ސިލްވާރ ކްރެސްޓް" ބަނދަރުކުރި.

  9. 30 ޖަނަވަރީ 1962

    21 / 26

    ލ. މާމެންދޫއިން 9 ސިފައިންގެ ބޭކަލުން އަރުވައިގެން، ސަބް މެޝީޏް ބަޑިއާއެކު، ދަންވަރު 2 ޖެހި އިރު ދަތުރުފެށި. ހަވަރު ތިނަދޫއަށް ދަންވަރު 3 ޖެހި އިރު ދެވުނު. އެ ދުވަހު 2 ފަހަރު މަތިން ސުލްޙަވުމަށް ފުރުޞަތު ދިނުމަށްފަހު، އެންމެ ފަހުން 3 ވަނަ ފަހަރު ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރުއާއި، އަލްފާޟިލް އަޙްމަދު ޙިލްމީއާއި، އަލްފާޟިލް މުޙައްމަދު ޢިމާދުއްދީން ހަވަރު ދިނަދޫއަށް ދޯނިއެއްގައި ދިޔަ.

    އަމާން ދިނުމަށް ގޮވާލައި އެ ދޯނި ތިނަދޫއާއި ކައިރިވާން ފެށުމުން، ތިނަދޫގެ މީހުން ދޯނިއާ ދިމާލަށް ގަލާއި އެހެނިހެން ހަތިޔާރު އުކައި ޙަމަލާދޭންފެށި. ބޯޓުން ސަބް މެޝިން ބަޑިއެއް ޖެހުމުން ތިނަދޫ މީހުން ޙަމަލާ ހުއްޓާލި. އެހާ ހިސާބުން ތިނަދޫއިން މީހުން ބޭލުމަށް ނިންމުނު. އަދި އެހާ ހިސާބުން ގދ. ގައްދޫއަކީ ހުވަދޫ އަތޮޅު ދެކުނުބުރީގެ ވެރިކަން ކުރާ ރަށްކަމުގައި ހަމަޖެއްސި.

  10. 14 ފެބްރުއަރީ 1962

    22 / 26

    "ސިލްވަރ ކްރެސްޓް" އަނބުރާ މާލެ އައުން.

  11. 16 މާރިޗް 1962

    23 / 26

    ޤައުމުގެ ރައްޔިތުންގެ މެދުގައި، ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރުގެ މަޤުބޫލުކަން ހުރި ނެތް މިންވަރު ބެލުމަށް ވޯޓެއް ނެގުނު. އެއީ ދެކުނުގެ ގަޑުބަޑުގެ ކަންތައް ކުރެއްވި ގޮތާއި މެދު ދިވެހީން ހިތްހަމަޖެހޭތޯ ނުވަތަ ނުރުހޭތޯ ބެލުމަށް. 81.285% ރައްޔިތުން ބޮޑުވަޒީރަށް ތާޢީދުކުރި.

  12. 29 ސެޕްޓެމްބަރު 1963

    24 / 26

    ސުވާދީބް ސަރުކާރުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޢަފީފް ދީދީ ރާއްޖެ ދޫކުރައްވައި، ސީޝެލްސްއަށް ވަޑައިގަންނަވާނެ ކަމަށާއި ވަޑައިގަންނަވާނީ އިނގިރޭވިލާތުގެ ޙިމާޔަތްލިބިގެންކަން ދިވެހި ދަޢުލަތަށް، އިންގިރޭސީ ވިލާތުން އެނގުން.

  13. 01 އޮކްޓޯބަރު 1963

    25 / 26

    ސުވާދީބް ސަރުކާރުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޢަފީފް ދީދީ ރާއްޖެ ދޫކުރައްވައި، ސީޝެލްސްއަށް ވަޑައިގަތުން. ވަޑައިގަތީ އިނގިރޭވިލާތުގެ ޙިމާޔަތްލިބިގެން.

  14. 01 ނޮވެމްބަރު 1963

    26 / 26

    ފުވައްމުލައް ދިވެހި ދަޢުލަތަށް އަމާންދިނުން. ސުވާދީބް ދަޢުލަތް އުވިގެން ދިޔުން.

Photographs

ފޮޓޯ ގެލަރީ

ޔުނައިޓެޑް ސުވާދީބް ދަޢުލަތުގެ ދިދަ
ޔުނައިޓެޑް ސުވާދީބް ދަޢުލަތުގެ ދިދަ
ޔުނައިޓެޑް ސުވާދީބް ދަޢުލަތުގެ ޕީޕަލްސް ކައުންސިލްގެ ނިޝާން
ޔުނައިޓެޑް ސުވާދީބް ދަޢުލަތުގެ ޕީޕަލްސް ކައުންސިލްގެ ނިޝާން
ގދ. ގައްދޫ — 16 ޖުލައި 1959
ގދ. ގައްދޫ — 16 ޖުލައި 1959
ޔުނައިޓެޑް ސުވާދީބް ދަޢުލަތުގެ ރައީސް: އަލްފާޟިލް ޢަބްދުﷲ ޢަފީފް ދީދީ
ޔުނައިޓެޑް ސުވާދީބް ދަޢުލަތުގެ ރައީސް: އަލްފާޟިލް ޢަބްދުﷲ ޢަފީފް ދީދީ
އަލްފާޟިލް ޢަބްދުﷲ ޢަފީފް ދީދީ
އަލްފާޟިލް ޢަބްދުﷲ ޢަފީފް ދީދީ
ސުވާދީބް ދިދަ ނެގުމުގެ ރަސްމިއްޔާތު
ސުވާދީބް ދިދަ ނެގުމުގެ ރަސްމިއްޔާތު
ތިނަދޫ އޮޅަދީދީގެ ޙަސަން ދީދީ
ތިނަދޫ އޮޅަދީދީގެ ޙަސަން ދީދީ
ނ.ތ ޙަސަން ދީދީ ހައްޔަރުކޮށްފައި ބެހެއްޓި ގެ
ނ.ތ ޙަސަން ދީދީ ހައްޔަރުކޮށްފައި ބެހެއްޓި ގެ
Articles

ލިޔުންތައް

މި ޙާދިސާއާއި ގުޅޭ އިތުރު ދިރާސާތަކާއި ލިޔުންތައް މި ބައިގައި ޝާޢިއުކުރެވޭނެއެވެ.

ލިޔުންތައް ބައްލަވާ